ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި އެތައް އިންސާނީ ހައްުޤުތަކެއް ގެއްލިފައިވާ ކަމަށާއި، ރިލްވާންގެ މައްސަލައާ ގުޅިގެން ތަހުގީގެއް ކުރުމަށް ނިންމާފައިވާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހާމަކޮށްފިއެވެ.
އެޗްއާރްސީއެމުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން އާންމުކޮށްފައިވާ "ހިއުމަން ރައިޓްސް ރިޕޯޓް 2021"ގައެވެ.
އެ ރިޕޯޓްގައި އެޗްއާރްސީއެމްއިން ބުނެފައިވަނީ، މ. ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުالله 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ގެއްލިފައިވާ މައްސަލައަކީ 2014 ސެޕްޓެންބަރު 2 ވަނަ ދުވަހު އެޗްއާރްސީއެމަށް ހުށަހެޅި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު އެއްކޮށް، އެއިދާރާތަކުން މިމައްސަލާގައި ޢަމަލުކުރަމުންދާ ގޮތް މޮނިޓަރ ކުރަމުންދިޔަ މައްސަލައެއް ކަމަށެވެ.
ނަމަވެސް މި މައްސަލައަކީ އެތަކެއް އިންސާނީ ޙައްޤުތަކެއް ގެއްލިފައިވާ މައްސަލައެއްކަން އެޗްއާރްސީއެމުން ބެލިބެލުމުން އެނގެން އޮތުމުން ޤާނޫނު ނަންބަރު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، 21 ވަނަ މާއްދާއާއި، 22 ވަނަ މާއްދާ އަށް ރިޢާޔަތްކޮށް، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޢަމަލުކޮށްފައިވާ ގޮތްތައް ދެނެގަތުމަށާއި، މި މައްސަލާގައި އެއްވެސް މުއައްސަސާއަކުން އިހުމާލުވެފައިވޭތޯ ދެނެގަތުމަށް ތަޙްޤީގުކުރަން ފެންނާތީ، 2020 އޮކްޓޫބަރު 12 ވަނަ ދުވަހު ބޭއްވި އެޗްއާރްސީއެމްގެ ޖަލްސާގައި މި މައްސަލަ މޮނިޓަރިންގ ފޭސްއިން އިންވެސްޓިގޭޝަން ފޭސްއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ވެސް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނެފައިވަނީ އަޙްމަދު ރިޟްވާން ޢަބްދުالله އާ ގުޅިގެން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ ގުޅޭ ލިޔެކިޔުންތަކުގެ ނަކަލު މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނާ 2020 ސެޕްޓެންބަރު 22 ވަނަ ދުވަހު ޙިއްސާކޮށްފައިވުމާއި، އަދި މިމައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ކޮށްފައިވާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ މަސައްކަތްތަކާ ގުޅޭ ރިޕޯޓެއް 2020 ނޮވެންބަރު 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްސާކުރެވިފައިވާކަމަށެވެ.
ރިލްވާން ގެއްލުވާލި މައްސަލަ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ބަލަމުން އަންނައިރު، އެމައްސަލައާ ގުޅޭ ޑްރާފްޓް ރިޕޯޓެއް ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް މައްސަލައާގުޅޭ ފައިނަލް ރިޕޯޓެއް އަދިވެސް ނެރެވިފައެއް ނުވެއެވެ.
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުން ވަނީ ރިލްވާން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ވަޅީގެ ފޮޓޮއެއް އާންމުކޮށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. އަދި ޖުލައި 1 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ، އަހުމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލި މައްސަލައިގައި ކަންހިނގާފައިވާގޮތްކަމަށް ބެލެވޭ ކުޅެފައިވާ ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ.