އެސްޓީއޯ އާއި ޔޫތް މިނިސްޓްރީން ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަން ފަށައިފިއެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާހް ކުރުމަށްޓަކައި މިއަދު ވަނީ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތު ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ޤައުމީ ފެންވަރުގައި ހުޅުވާލުންކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. މިގޮތުން ޖުމްލަ 6 ދާއިރާއަކުން 26 ޖާގަ އަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ބައިވެރީން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ (އެމް.އެން.އެސް.ޑީ.އޭ)ގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާއި އެއްގޮތަށް ކަމަށާއި މި ޕްރޮގްރާމުގައި އެސް.ޓީ.އޯގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސްއިން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސްއެއް އެސް.ޓީ.އޯއިން ހަމަޖައްސައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ.