Last Updated: May 16, 09:46
Thursday, May 16, 2024
ޚަބަރު ހައި ކޯޓު

ހައިކޯޓުގެ ޕްރޮކިއުމެންޓް ހިނގަމުންދަނީ ޤާނޫނާ ޚިލާފަށްކަން ހާމަވެއްޖެ

ހައިކޯޓުގެ ޕްރޮކިއުމަންޓް ސެކްޝަން ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބު--

ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮކިއުމެންޓް ސެކްޝަން ހިނގަމުންދަނީ މާލިއްޔަތު ގާނޫނާ ހިލާފަށްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހެދި މެނޭޖްމެންޓް އޮޑިޓެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދިޔަ ހައިކޯޓުގެ މެނޭޖްމެންޓް އޮޑިޓަކަށް ފަހު، ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ހައިކޯޓުގެ ޕްރޮކިއުމެންޓް، މާލިއްޔަތު ގަވައިދާ އެއްގޮތަށް ކުރިއަށް ނުދާކަން ހިމެނެއެވެ. މި މައުލޫމާތު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ހައިކޯޓުގެ އިސްފަނޑިޔާރަށް އަންގާފައިވާކަމަށްވެސް މައުލޫމާތު ލިބިފައެވެ. އަދި މި ރިޕޯޓް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ މިހާރު ޖޭއެސްސީއަށް ހުށަހަޅާފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހައިކޯޓުގެ ޕްރޮކިއުމަންޓް ސެކްޝަން ހިންގުމާ ހަވާލުވެ ހުންނަވަނީ މުހައްމަދު ނަޖީބު ކިޔާ މީހެކެވެ. އެއީ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނުގެ އަރިސް މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމަށް ނަގާފައިވަނީވެސް އުސޫލުތަކުގެ ބޭރުންނެވެ. މި ގޮތުން އެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން މުހައްމަދު ނަޖީބަށްވުރެ ގިނަ މާކްސް ލިބުނު މީހުން ތިއްބާ، އޭނާއަށް އެ މަގާމު ދިނީ ޝުޖާއު އުސްމާނު، އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި އަބްދުﷲ ދީދީގެ ނުފޫޒުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ހައިކޯޓުގެ ޕްރޮކިއުމަންޓް މާލިއްޔަތު ގަވައިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހެދި އޮޑިޓުން ފާހަގަވެ، އެކަން ހައިކޯޓާއި ޖުޑީޝަލް ސަރވިސް ކޮމިޝަނަށްވެސް އަންގާފައިވާއިރު މިހާތަނަށް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.