ރާއްޖޭގެ ތަރައްޤީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ، ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައިސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ޚިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުން ކަމަށެވެ.
މިބައްދަލުވުމުގައި ރައީސް ސޯލިހްވަނީ މަނަދޫގެ ތަރައްޤިއަށް ސަރުކާރުގެ ސިޔާސަތުގައި ހުރި ކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ޙައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.