Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

ޤައުމިއްޔަތުގެ ބިންގާ ވަރުގަދަ ކުރުމަށް ތިމާއަށް ކޮށްދެވޭނެކަންކަން ކޮށްދިނުމަކީ ޒިންމާއެއް

ޤައުމިއްޔަތުގެ ބިންގާ ވަރުގަދަ ކުރުމަށް ތިމާއަށް ކޮށްދެވޭނެކަންކަން ކޮށްދިނުމަކީ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިފަދަ ޤައުމީ ދުވަސްތައް ފާހަގަކުރެވެމުން އަންނައިރު، ޤައުމީ އަބްތާލުންގެ ޒިކުރާ އާކޮށް، އެބޭފުޅުން ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކުގެ މަތިން ހަނދާން އާކޮށްލަންޖެހޭކަމަށެވެ.

ޤައުމީ ދުވަސްތައް އާކުރެވިގެންދާއިރު ޤައުމިއްޔަތުގެ ބިންގާ ވަރުގަދަކޮށް ޤައުމިއްޔަތުގެ ތަނބުތައް ކޮޅަށް ޖެހުމަށްޓަކައި ތިމާގެ ދައުރަކީ، ޒިންމާއަކީ ކޮބައިތޯ ބަލައި އެކަމަށް ތިމާއަށް ކޮށްދެވޭނެ ކަންކަން ކޮށްދިނުމަކީ ކޮންމެ މުޢާޠިނެއްގެ ޒިންމާއެއް ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތުގެ އެންމެ މަތީ ބަހާތަކަކީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހި ތާރީޚާއި ސަގާފަތްކަން ފާހަގަކޮށް އިމްރާން ވިދާޅުވީ މިކަންކަން ދިރުވާ އާލާކުރުމުގައި ކޮންމެ ދިވެހި ފަރުދެއްގެ ބޮޑުޒިންމާއެއް އޮންނާނެކަމަށެވެ.

"އެ ޒިންމާ އަދާކުރުމުން މެނުވީ އަންނަން އޮތް ޖީލުތަކާ ހަމައަށް، ޤައުމު މިނިވަންކަމާ އިސްތިޤުލާލާއެކު ފޯރުކޮށްދިނުމަކީ ނުވާނެ ކަމެއް. އެހެންކަމުން އަޅުގަނޑުމެން އެންމެން މިއަދު އަޒުމުކަނޑައަޅަންވީ ޤައުމިއްޔަތު އަންނަންއޮތް ޖީލުތަކާ ހަމައަށް ގެންގޮސްދިނުން. މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އިއްޒަތާ ޝަރަފާއެކު ދިވެހި ޤައުމިއްޔަތުގެ މިނިވަންކަމާ އިސްތިޤުލާލު އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.