Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

ހުޅުމީދޫ ހެލްތް ސެންޓަރުގެ އެކްސްޓޭޝަން އިމާރާތް ނިންމަން ހަތަރުމަސްވީއިރު ވެސް ބަޔަކާ ހަވާލުނުކުރޭ!

ހުޅުމީދޫ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް

އައްޑޫ ހުޅުމީދޫ ހެލްތް ސެންޓަރުގެ އެކްސްޓޭޝަން އިމާރާތް ނިމި ދިގުލައިގެން ގޮސްފައިވާއިރު އެތަން މިހާރު ނުނިމި އޮތީ އައްޑޫ ސިޓީ ކައުންސިލުގެ ސަބަބުން ކަމަށް ހުޅުމީދޫ ހެލްތް ސެންޓަރުން ބުނެފި އެވެ.

ހުޅުމީދޫ ހެލްތް ސެންޓަރުގެ ސީނިޔާ އެޑްމިނިސްޓެރޭޓަރ އިބްރާހިމް ދީދީ، ފޭސްބޫކް އެކައުންޓްގައި ވިދާޅުވެފައިވަނީ މި ސަރުކާރުން ހުޅުމީދޫ ހެލްތް ސެންޓަރު ބޮޑުކުރުމަށް ހަދާ އާ އިމާރާތުގެ މަސައްކަތުގައި ފުރަތަމަ ފޭސްގެ މަސައްކަތް ނިމި ބާކީ ހުރި މަސައްކަތްކުރުމަށް ސިޓީ ކައުންސިލަށް އެންގިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ހުޅުމީދޫ އެކްސްޓެންޝަން އިމާރާތް ނިންމުމުގެ މަަސައްކަތް މިހާތަނަށް އައިރުވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"ވާނުނާއެއް ނޭނގިފައި އަޅުގަނޑުމެން މި ތިބެނީ. ސާބަހޭ އައްޑޫ ސިޓީ ކައުންސިލް،" އިބްރާހިމް ދީދީ ވިދާޅުވެފައިވެ އެވެ.

އެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން ޖެހެނީ 15 މިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދުގެ މަސައްކަތް ހިންގާނީ ސިޓީ ކައުންސިލުން ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާތީ ކަމަށް އިބްރާހިމް ދީދީ ވަނީ ފާހަގަ ކުރައްވާފަ އެވެ.