Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

3 އަހަރު ތެރޭގައި 20 މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކުރެވިއްޖެ: މިނިސްޓަރު ޝައުނާ

މިނިސްޓަރު އައިމިނަތު ޝައުނާ--

މިސަރުކާރުގެ ތިން އަހަރު ތެރޭގައި 20 މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގޭބިސީތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އިއާދަކުރަނިވި ހަކަތަ އުފައްދާ "ހޯމް ސޯލާ" ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިދައުރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތަ 58 މެގަވޮޓަށް އިތުރުކުރުމަށް ކަމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ 2019 ވަނަ އަހަރުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށާއި، އެކަމަށްކުރާ ހޭދަ ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ގައި ހުރި މިންވަރަށް ވުރެ 20 ޕަސަންޓު އިތުރަށް ރާއްޖެއިން އިއާދަކުރެނިވި ހަކަތަ އުފެއްދުން ކަމަށް ވިދާޅުވިއެވެ. އަދި މި އަމާޒާއެކު މަސައްކަތް ކުރަމުން ދަނީ ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހޯމް ސޯލާ" ޕްރޮގްރާމުގެ ދަށުން ކޮންމެ ގޭބިސީއެއްގައި ސޯލާ ޕެނަލް ހަރުކޮށް މި ނިޒާމުގެ ތެރެއިން ކަރަންޓު ބިލު ދެއްކޭނެއެވެ. މި ޕްރޮގްރާމްގެ ދަށުން ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ލިބިގެންދާއިރު ގޭބިސީތަކަށް ބޭނުންވާ ޖުމުލަ ކަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވާނެއެވެ.