Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގައި ޕްރޮޖެކްޓްތައް ހިންގުމުގައި ސްޕީޑެއް ނެތް ކަމަށް ވިދާޅުވެ ސަރުކާރަށް ނާޒިމްގެ ފާޑުކިޔުން

އެމްއެންޕީ އިން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ

ކޮމަންޑޫ ދާއިރާގައި ބައެއް ކަންކަން ފަށާފައި އެބަ ހުރި ކަމަށާއި އެހެން ނަމަވެސް އެކަން ކުރުމުގައި އެއްވެސް ސުޕީޑެއް ނެތް ކަމަށްވިދާޅުވެ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެެއްޖެ އެވެ.

އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާ އަބްދުލް ހަންނާނު އިދްރީސްގެ ކެމްޕެއިން ޖަލްސާގައި ވާޙަކަ ދައްކަމުން ނާޒިމް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ފައިދާ ކޮމަންޑޫ ދާއިރާއަށް ލިބެމުންދާ ކަމަށް އެމްއެންޕީން ގަބޫލު ނުކުރާ ކަަމަށެވެ.

"މަސްވެރިންނަށް މި ރަށުގެ (ކޮމަންޑޫ)ކައިރިން މަސްކިރޭނެ ގޮތެއް ނެތް. މިތާ ކައިރިއަކު އައިސް ލިބޭ ގޮތެއް އޮތިއްޔެއްނޫން. އޭގެ އިތުރުން މި ރަށުގައި މަސް ކެނޑޭނެ ގޮތެއްވެސް އޮތިއްޔެއްނޫން. މިއީ އަޅުގަނޑުމެންގެ ހާލަތަކީ،" ކޮމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ތަފާތު ޕާޓީތަކުން ތަފާތު ވައުދުތައްވާތަން ފެންނަ ކަމަށާއި އެކަންކަމަށް ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އެކި ބޭފުޅުން ވެވަޑައިގަންނަވާ ވައުދުތައް ފަހުން ވެގެންދަނީ ބިލާކަަށް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ފަތުރުވެރިކަން ކުރިއެރުމަށްޓަކައި މި ކޮމަންޑޫގައި އެއާޕޯޓެއްގެ ހުވަފެން މި ސަރުކާރުން ދެއްކި ކަމަށާއި ފަހުން އެއާޕޯޓް "ގެއްލުނީ" ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދި ކޮމަންޑޫ ދާއިރާގެ ތިން ރަށުގައިވެސް ލޯކަލް ޓޫރިޒަމް ފުޅާކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމަށް ސަރުކާރުގެ އަމާޒެއް ނެތް ކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

"މި ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އޮތް. އެެއާޕޯޓް އުއްމީދެއް އޮތް. އެހެން ނަމަވެސް ކިހިނެތް ތޯވީ. ހެނދުނު ހޭލިއިރު އެއާޕޯޓް ގެއްލުނީ. އެއާޕޯޓެއް ނެތް. އެއާޕޯޓް އައުމުގެ އުއްމީދު ގެއްލިއްޖެ،" ނާޒިމް ވިދާޅުވި އެވެ.

ކޮމަންޑޫގައި ބިން ހިއްކާފައި އޮތަސް ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެގެން ގޮސްފައިވާ ކަމަށާއި އޭގެ ސަބަބުން ރަށް ދޫކޮށް މާލެއަށް ހިޖްރަކުރާ މީހުން އިތުރުވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"ދެން ސަރުކާރުން ދެއްކި ހުވަފެނަކީ މަތިކޮމަންޑޫ ބުރިޖުން ގުޅާލުން، މަތި ކޮމަންޑޫ ހިއްކާލުން. މިކަލަ ބައިވަރު ވާހަކަތައް ދެކެވެނީ. އެކަމު ހަމަ ވީކަމެއް ނެތް،"

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާވެސް އޮތީ ވަަރަށް ފެންވަރުދަށްކޮށް ކަމަށް ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެރަށުގެ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގައި ވެސް ސްޕީޑެއް ނެތް ކަަމަށެވެ.

"މަރޮށީގެ ކޮންމެ އަހަރަކު ބަޖެޓްގައި ޖަހާ ބަނދަރު. ބަނދަރު ފުންކުރާ ވާހަކަ ދެކެވޭ، ބަނދަރު ބޮޑުކުރާ ވާހަކަ ދެކެވޭ. އެއްވެސް ކަމެއް ނުވެ މިދަނީ. އެރަށު ރައްޔިތުން މިތިބެނީ މާޔޫސްވެފައި. މަގުގައި އެއްޗެއް ދުއްވާލެވޭ ވަރެއް ނޫން. ފެނާ ނަރުދަމާގެ ވާހަކަ ދައްކާއިރު ސަރުކާރުގެ ކުންފުންޏަކަށް ދެވިފައި އޮންނަތާ މިހާރު ތިން އަހަރު. ހަތަރު ތިން ޖަންގުޝަން ނޫނިއްޔާ އަދި ނުބެހެއްޓޭ. ތިން ޖަންގުޝަން ނޫނިއްޔާ ނުބެހެއްޓޭ. އެކަމު ނަރުދަމާ އަޅަމުންދަނީ،" ނާޒިމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ ސަރުކާރަށާއި އެހެން ޕާޓީތަކަށް ފިލާވަޅެއް ދޭން ޖެހޭ ކަމަށެވެ.