Last Updated: April 26, 18:02
Friday, April 26, 2024
ކުޅިވަރު

ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވެއްޖެ

ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. އަދި މި ސީޒަން ނިމުމުން ކުޓީނިއޯ ގަތުމުގެ ފުރުސަތު ވެސް އެސްޓަންވިލާ އަށް މި އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

ކުޓީނިއޯ އެސްޓަންވިލާ އަށް ބަދަލުވިއިރު އެ ކްލަބުގެ ކޯޗަކަށް މިހާރު ހުރީ މީގެކުރިން ކުޓީނިއޯ އާއެކު ލިވަޕޫލަށް ކުޅުނު ސްޓީވެން ޖެރާޑް އެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުޓީނިއޯ ބާސާ އަށް ބަދަލުވީ 146 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނަމަވެސް ލިވަޕޫލްގައި ދެއްކި މޮޅު ކުޅުން އޭނާ އަށް ބާސާގައި ދެއްކޭގޮތް ވެފައި ނުވާއިރު މިދިޔަ ސީޒަން އޭނާ ހޭދަކުރީ ލޯނެއްގެ ދަށުން ބަޔާން މިއުނިކްގަ އެވެ. އަދި މި ސީޒަނުގައި ބާސާގެ ފުރަތަމަ އެގާރަ އިން ޖާގަ ލިބުން ވެސް ކުޓީނިއޯ އަށް ވަނީ މަދުވެފަ އެވެ.

ބާސާގައި ހޭދަކުރި މުއްދަތުގައި ކުޓީނިއޯ ވަނީ އެ ކްލަބަށް 106 މެޗު ކުޅެދީ 26 ގޯލު ކާމިޔާބުކޮށްދީފަ އެވެ.