Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ފީފާ އެވޯޑަށް މެސީ، ސަލާހު އަދި ލެވެންޑޯސްކީ ވާދަކުރަނީ

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން އިއުލާންކޮށްފި އެވެ.

އެގޮތުން މި މަގާމަށް މިފަހަރު ވާދަކުރަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕީއެސްޖީގެ ލިއޮނަލް މެސީ އަދި ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބަޓް ލެވެންޑޯސްކީ އެވެ.

މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލެވެންޑޯސްކީ އެވެ. އެގޮތުން ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 40 މެޗުގައި 48 ގޯލު ކާމިޔާބުކޮށް ނުވަ އެސިސްޓު ހަދާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ޖަރުމަނު ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި ފަހަރު އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ އެވެ.

ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ ސީޒަނުގެ އަންހެނުންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބާސެލޯނާގެ ޖެނީފާ ހާމޯސޯ އާއި އެލެކްސިއާ ޕުޓެޔާސްގެ އިތުރުން ޗެލްސީގެ ސޭމް ކާ އެވެ.

ފީފާގެ ބެސްޓް އެވޯޑްސްގެ މި ފަހަރުގެ ހަފްލާ އޮންނާނީ މި މަހު 17 ވަނަ ދުވަހު އެވެ.