Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ކޮމަންޑޫ ދާއިރާގެ މަޝްރޫއުތަކެއް ހަފްތާއެއް ތެރޭ ފަށަނީ، ރައީސް ވިދާޅުވީ ކެމްޕޭނަށް ކުރާ ކަމެކޭ ބުންޏަސް ހެޔޮ ކަމަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނާ ދިމާކޮށްކުރާ ކަމަކޭ ބަޔަކު ބުންޏަސް ހެޔޮ ކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ ބައެއް ބޮޑެތި މަޝްރޫއުތައް ކުރިއަށް އޮތް އެއް ހަފްތާގެ ތެރޭގައި ފައްޓަވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗްކުރުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދުތައް ފުއްދެވުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެއްކަމެއް ގޮތައް ރައީސް ވިދާޅުވީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ ވާހަކަ އެވެ.

"އަޅުގަނޑުމެން މިއަދު މި މަސައްކަތްފަށާ ވާހަކަ ބުނީމަ ބަޔަކު ބުނެދާނެ ކެމްޕޭނަކާ ދިމާކޮށް މަސައްކަތް ފަށަނީ އޭ. އެހެން އެ ބޭފުޅުން ވިދާޅުވިއަސް މި މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށައިގެން ކުރިއަށްގެންދާނަން. މިއީ އަޅުގަނޑުމެންވީ ވައުދެއް މިއީ އަޅުގަނޑުމެން މިރަށުގެ މީހުނަށް ކޮށްދޭން ޖެހޭ ކަމެއްް.މިއަކާ ކެމްޕޭނަކާ ގުޅުމެއް ނެތް. މިއީ ފުލް ސްޕީޑްގައި އަވަހަށްކޮށް ނިންމާލަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްލޭން ހަދާ އޮތީ ނިމިފައި ކަމަށެވެ. ކޮމަންޑޫ ކައިރީގައި އޮތް "ރަށްފަތި" ޓޫރިޒަމަށް ހުޅުވާ ލައްވާނެ ކަމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދު ފުއްދެވުމުގެ ގޮތުން އެރަށް ޓޫރިޒަމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ވެސް ކެމްޕޭނަށް ކުރާ ކަމެއް ކަމަށް ބަޔަކު ބުންޏަށް ހެޔޮ ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގައި އޮތް ޗަކަ ބިމަށް ވެލިއަޅާ ގޯތިދޫކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ރައީސް މިރޭ ވައުދުވެވަޑައިގެންނެވި އެވެ.

ކެމްޕޭނަށް ކުރާ ކަމެކޭ ބުންޏަސް ހެޔޮ ކަމަށް ވިދާޅުވެ ރައީސް ދެން އިއުލާން ކުރެއްވި އަނެއް މަޝްރޫއުއަކީ ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮށި ބަނދަރުގެ މަސައްކަތެވެ.

" މަރޮށީގެ ބަނދަރުގެ މަސައްކަތް ލަސްތަކެއްނުވެ، އަނެއްކާވެސް ދެންނެވޭނީ މިއީ ކެމްޕޭނާ ގުޅުވައިގެން ކުރާ ކަމެއްކަމަށް ވާހަކަ ދެއްކިޔަސް މި އަންނަ ހަފްތާގެ ތެރޭގައި އެ މަސައްކަތްވެސް ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަަނުގައި އެމްޑީޕީގެ ކެންޑިޑޭޓް އިތުރުން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓެކެވެ.