Last Updated: June 19, 11:00
Friday, June 19, 2026
ޚަބަރު

އުޝާމްގެ ރައްދު ރައީސްއަށް: "ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ ވަގުލާރިވެސް އޯކޭ"

ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ، މަނީ ލޯންޑަރިންނާ، ވަގުލާރިތައްވެސް އޯކޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕޭން ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުން ވޯޓު ދޭންވާނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް، ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް، ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް ކަމަށެވެ.

ރައީސް ސޯލިހްގެ މިވާހަކައަށް ރައްދު ދެއްވާ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަން ހޯދަން އުޅުނުއިރު ބަގާވާތާ މަނީ ލޯންޑަރިންނާ އެމްއެމްޕީއާރުސީގެ ވަގުލާރިތައްވެސް އޯކޭ ކަމަށެވެ.

ރައީސް ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓްވީޓުގައި އުޝާމް އިތުރަށް ވިދާޅުވީ، ބަގާވާތުގެ ބައިވެރިންނާއި އެމްއެމްޕީއާރުސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރުވެސް ތިބީ ރައީސް ސޯލިހްގެ ޕާޓީއާއި ސަރުކާރުގައި ކަމަށެވެ.

ފެބްރުއަރީ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.