ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރުމަށް ށ. ކޮމަންޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާލެ ވަޑައިގެންފިއެވެ.
ރާޝީދުގެ ކެމްޕެއިން ލޯންޗިން ޖަލްސާ ރޭ ކޮމަންޑޫގައި ބާއްވާފައިވާއިރު، އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައިސް މުހައްމަދު ނަޝީދު އަދި ސަރުކާރާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދައްކަވާފައިވެއެވެ.
އެގޮތުން ރައީސް ސޯލިހް މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގެތެރޭގައި ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށާއި، ކޮމަންޑޫ ކައިރީގައި އޮތް "ރަށްފަތި" ޓޫރިޒަމަށް ހުޅުވާ ލައްވާނެ ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ވޯޓު ދޭންވާނީ ޑްރަގް ވިޔަފާރިއާ ދެކޮޅަށް، ވަގު ވިޔަފާރިއާ ވެސް ދެކޮޅަށް، ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރުމާ ދެކޮޅަށް އަދި ބަގާވާތާ ވެސް ދެކޮޅަށް ކަމަށެވެ. ކޮމަންޑޫ ދާއިރާއަށް ބޭނުންވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ނިޔާވި މުހައްމަދު ވަހީދު މަސައްކަތް ކުރެއްވި ސްޕީޑްގައި މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކީ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ މުހައްމަދު ރާޝިދު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮމަންޑޫއަށް ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅުގައި އަރިހުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.