Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ: ޑރ. ޖަމީލް

ޣައިރު ޤާނޫނީ އަމުރިތަކަށް ތަބާވާ ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ތަކުރާރުކޮށް ކުރަމުން އަންނަ މުޒާހަރާތަކުގައި މީހުން ހައްޔަރު ކުރަމުން ގެންދާތީއެވެ.

އެގޮތުން ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވަނީ، ބަޔަކު މުޒާހަރާކޮށްލާއިރަށް ރޫޅާލަނީ ފުލުހުންނަށް ކޮން ޤާނޫނަކުން ލިބިދޭ ބާރެއްގެ ދަށުންތޯ ސުވާލު އުފައްދަވާފައެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޮންމެ ޣައިރުޤާނޫނީ ޢަމަލަކަށް ޖަވާބުދާރީކުރުވޭނެ ކަމަށާއި ވަކިވަކި ފުލުހުންނަށް ޤާނޫނުގެ ދިގު އަތް ފޯރާނެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީން މާލޭގައި އިއްޔަ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން 29 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަންދުން ދޫކޮށްނުލި 2 މީހުންނަކީ ފުލުހުންނަށް ހަމަލާދީން ދެމީހުންކަމަށްވެސް ބުނެފައިވެއެވެ.