Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅުވާ ރައީސް ދެއްކެވި ވާހަކައަށް އަދުރޭ ރައްދު ދެއްވައިފި

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކައަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓްގެ ކެމްޕޭން ފެށުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

އެވާހަކައަށް ރައްދު ދެއްވާ އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުންވީ ކަންތައް ވިދާޅުވީ މުޅިން ރަނގަޅަކަށް ނޫން ކަމަށެވެ.

"މަނިކުފާނުގެ ސަރުކާރު ހިންގަން ލާރިހޯދަން ރަހުނަކަށްވެސް ބޭނުން ކުރެވުނު ދޮގެއްތޯ؟ އެތަނުން ރައްޔިތުންނަށްލިބޭ ފައިދާޔާ ފަސޭހަ ނޭނގުމަކީ މަނިކުފާނުގެ ތަންދޮރު ނުފިލާކަން ނޫންތޯ؟ ކޮބާ ލަދު؟" އަބްދުއްރަހީމްގެ ޓްވީޓްގައިވެއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.