Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ރައީސް ސޯލިހް ވިދާޅުވީ ކޮން ބަޢާވާތެއްގެ ވާހަކަކަން ނާޒިމްގެ ޕާޓީއަކަށް ސާފެއްނުވި

އެމްއެންޕީންގެ އިސް ބޭފުޅުން-- ފޮޓޯ: އެމްއެންޕީ

ބަޢާވާތާއި ދެކޮޅަށް ވޯޓު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލެއްވުމުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވާ، އެމްއެންޕީން ރައްދު ދީފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗްކުރުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ ބައާވާތާ ދެކޮޅަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ތިޔަ ބޭފުޅުން ވޯޓު ދެއްވަންވާނީ ޑްރަގްގެ ވިޔަފާރީއާ ދެކޮޅަށް. އަދި ވަގު ވިޔަފާރީއާ ވެސް ދެކޮޅަށް. ދައުލަތުގެ ފައިސާއިން މަނީލޯންޑަރކުރާ ފަރާތްތަކާ ވެސް ދެކޮޅަށް. އަދި ބަޢާވާތާ ވެސް ދެެކޮޅަށް. އާދެ މި ހުރިހާ ކަމަކަށް ނޫނެކޭ ބުނާނެ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓް ރާޝިދު" ރޭގެ ޖަލްސާގައި ރައީސް ވިދާވި އެވެ.

އެ ވާހަކަފުޅާ ގުޅުގެން އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2012 ވަނަ އަހަރު ނެރުނު ކޯނީގެ ރިޕޯޓުގައިވާ ގޮތުން ނަމަ 2012ގައި ކޮށްފައިވަނީ ބައާވާތެއް ނޫން ކަމަށެވެ.

އެހެން ކަމުން ރައީސް އެ ވިދާޅުވީ ކޮން ބަޢާވާތެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އަސްރާގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެ ޕާޓީގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ރިޔާޒް އަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޢާވާތަކުން ބަދަލުކޮށްލުމުގައި އިސްކޮށް އުޅުނު ދެ ބޭފުޅުންކަމަށް އެމްޑީޕީ ބުނެ އެވެ. ރޭގެ ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އިތުރު ބޭފުޅުން ވަނީ ނާޒިމް ނިސްބަތްވާ ޕާޓީން ކެންޑިޑޭޓަކު ނެރިފައިވާތީ ބަޢާވާތުގެ ވާހަކަ އަނެއްކާވެސް ތަކުރާރުކޮށް ދައްކަވާފަ އެވެ.