Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޔާމީން ވެރިކަމުގައި ޗައިނާއިން އޮންއެރައިވަލް ވިސާ ނުލިބުނީ "މުގާބޭ ސްޓައިލް" ފޮރިން ޕޮލިސީގެ ސަބަބުން

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން އޮންއެރައިވަލް ވިސާ ނުލިބި އޮތީ އެ ސަރުކާރުގެ ފޮރިން ޕޮލިސީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޔާމީނުގެ ވެރިކަން ނިމުނުއިރުވެސް ދިވެހިންނަށް ޗައިނާއިން އޮންއެރައިވަލް ވިސާލިބޭނެ ގޮތެއް ހަދާނުދެވި އޮތީ ދުނިޔޭގެ 54 ގައުމު ހިމެނޭ ޖަމާއަތާ ގުޅުންކަނޑާލި "އެކަހެރުވުމުގެ "މުގާބޭ ސްޓައިލް" ފޮރިން ޕޮލިސީގެ ސަބަބުން" ކަމަށެވެ.

ބޮންޑޭ މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ޗައިނާ އަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ޗައިނާ ސަރުކާރުން ނިންމާ އިއްޔަވަނީ އެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

ޗައިނާ އަށް ދާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ކޮވިޑް-19 އާއި ގުޅިގެން ޗައިނާ އިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމުންނެވެ.