Last Updated: June 15, 13:32
Monday, June 15, 2026
ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުމާބެހޭ ގަވައިދު އާންމުކޮށްފި

ރަށެއްގައި ހިންގަމުން އަންނަ ކުޑަ ވިޔަފާރިއެއް--

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުމާބެހޭ ގަވައިދު އާންމުކޮށްފިއެވެ.

އެ ގަވައިދުގައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް، ވިޔަފާރިއަށް ލިބި ފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މަޢުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައެވެ.

މިގަވައިދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތިން ބަޔަކަށް ބަހާފައިވެއެވެ. އެއީ، އެންމެ ކުދި ވިޔަފާރި؛ (0-5 މުވައްޒަފުން، އާމްދަނީ 500،000 ރުފިޔާއާ ހަމައަށް)، ކުދި ވިޔަފާރި؛ (6-30 މުވައްޒަފުން، އާމްދަނީ 5،000،000 ރުފިޔާއާ ހަމައަށް) އަދި މެދުފަންތީގެ ވިޔަފާރި؛ (31-100 މުވައްޒަފުން، އާމްދަނީ 20،000،000 ރުފިޔާއާ ހަމައަށް) މިއެވެ.

ވިޔަފާރި ގިންތި ކުރާނެ ގޮތް–

މި ގަވާއިދުގެ ދަށުން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ގިންތިއެއްގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ނުފެތޭނަމަ ދެން ބަލާނެ މިންގަނޑުތައްވެސް ގަވައިދުގައި ހިމަނާފައިވެއެވެ. އަދި އެކަމަށް ހާއްސަ ފޯމިއުލާއެއްވެސް ގަވައިދުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން މި ގަވައިދުގައި ބުނެފައިވަނީ މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އަލަށް ރަޖިސްޓަރީކުރާ ކޮންމެ ވިޔަފާރިއަކުން، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރަން ހުށަހަޅާ ލިޔެކިޔުންތަކާއެކު، އެ ވިޔަފާރިއެއް ރަޖިސްޓަރީކުރާ ތާރީހުން ފެށިގެން ކުރިޔަށް ހިނގާ 12 މަސްދުވަހުގެ މުއްދަތަށް ލަފާކުރާ އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ނިސްބަތްކޮށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއެއްގައި ރަޖިސްޓަރީ ކުރުމަށް ޓަކައި، ރެޖިސްޓްރާރއަށް ހުށަހަޅަންވާނެ ކަމަށެވެ.