Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރޮހިންޔާ ރެފިއުޖީ ކޭމްޕްގައި އަލިފާނުގެ ހާދިސާއެއް، އެތައްހާސް ބައެެއްގެ ގެދޮރު އަނދައިފި

ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީން އުޅެމުންދިޔަ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތައްހާސް ބައެއްގެ ގެދޮރު އަނދައިފިއެވެ.

އަލިފާންރޯވެ އަނދާފައިވަނީ ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ސަރަހައްދުތަކުގައި ހުންނަ ރޮހިންޔާ މީހުންގެ ރެފިއުޖީ ކޭމްޕްތަކުގައި ކަމަށް ބަންގްލަދޭޝް ފުލުހުންނާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރެފިއުޖީންގެ ކޭމްޕްގައި ހިިނގި އަލިފާނުގެ ހާދިސާގައި 1200 ގެ އަނދާފައިވާކަމަށާއި، އަދި 5000 އެއްހާ ރޮހިންޔާ ރެފިއުޖީންގެ ގެދޮރު ގެއްލިފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. އަދި ކޭމްޕްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދެ ގަޑިއިރެއްހާއިރު ނެގިކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް ރޮހިންޔާ ރެފިއުޖީންގެ ކޭމްޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 15 މީހުން މަރުވެ 50،000 މީހުންގެ ގެދޮރު އަނދާ އަޅިއަށްވެފައިވެއެވެ.

2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަންފެށި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގިނަ ބަޔަކު މިޔަންމާ ދޫކޮށް ބަންގްލަދޭޝަށް ރެފިއުޖީންގެ ގޮތުގައި ގޮސްފައިވެއެވެ. އަދި އެމީހުން ބަންގްލަދޭޝަށް އެތެރެވުމުގެ ހުއްދަދީ އެމީހުންނަށް ރެފިއުޖީ ކޭމްޕްތައް ހަމަޖައްސައި ދިނުމުގެ ސަބަބުން ބަންގްލަދޭޝްއަށް ގިނަ ގައުމުތަކެއްގެ ތައުރީފް ލިބެމުން އައިނަމަވެސް، ރޮހިންޔާ ރެފިއުޖީންނަށް އަދިވެސް ދާއިމީ ބޯހިޔާވަހިކަމެއް ލިބިފައެއް ނުވެއެވެ.