ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޅ. ކުރެންދޫގައި ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
ޅ. އަތޮޅުގެ ނައިފަރުގައި ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބީއެމްއެލް އިން ޚިދުމަތް ދެމުން އަންނައިރު، ހިންނަވަރުގައިވެސް ސެލްފް ސަރވިސް ބޭންކިންގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
"ބޭންކިންގ ހިދުމަތް ތައާރަފްކޮށް ކުރެންދޫގެ ރައްޔިތުންނަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިންގ ޚިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." ބީއެމްއެލް ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 77 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.