ސާމްޕަލް ނެގުމަށް އިތުރު ސެންޓަރެއްގެ ގޮތުން އެފްއޭއެމް ބިލްޑިން ހަމަޖައްސާ، ސޯޝަލްސެންޓަރުގައި ސާމްޕަލް ނެގުމަށް ހިންގި ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން، އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ކުއްލި ގޮތަށް ވަނީ މާލެއިން ރަށްރަށަށް ފުރާ މީހުންގެ ޕީސީއާރް ނެގެޓިވް ޓެސްޓް އޮންނަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އެއާއެކު ސާމްޕަލް ނެގުމަށް ރޭންފެށިގެން ސޯޝަލް ސެންޓަރު ސަރަހައްދުގައި ދިގު ކިއުތައް ހަދާފައިވެއެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްޕީއޭއިން މިއަދު ވަނީ ސޯޝަލް ސެންޓަރުގައި ހިންގަމުން އައި ސާމްޕަލް ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ. އަދި މިއަދު މެންދުރުފަހު 03:00 އިން ފެށިގެން ތާޖުއްދީން ސްކޫލުގައި ހުންނަ ސެންޓަރުން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ދާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ތާޖުއްދީން ސްކޫލްގެ ސާމްޕަލް ސެންޓަރުން ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 15:00 އިން ހަވީރު 18:00 އަށް ސާމްޕަލް ނަގާނެކަމަށެވެ. ބްރާސްފަތި ދުވަހު ހެނދުނު 09:00 އިން މެނދުރު 12:00 އާ ހަމައަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:00 އިން ހަވީރު 18:00 އަށް ސާމްޕަލް ނަގާނެކަމަށެވެ.
ސާމްޕަލް ނެގުމަށް އެފްއޭއެމް ބިލްޑިންގައި ހުޅުވާ ސެންޓަރު މިއަދު މެންދުރު 02:00 އިން ފެށިގެން ހުޅުވާފައި ހުންނާނެކަމަށާއި، އެ ސެންޓަރުން ކޮންމެ ދުވަހަކުވެސް 02:00 އިން ހަވީރު 18:00 އަށް ސާމްޕަލް ނަގާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
⚠️ New sample center open at: FAM building from 2pm today.
⚠️ Sample center at Social Center changed to Thaajuddeen School from 3pm today. pic.twitter.com/TRz9i9ij26— Health Protection Agency (@HPA_MV) January 10, 2022
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޗްޕީއޭއިންވަނީ 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމާއި، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމާއި، މަގުމަތީ ބާޒާރުތައް ނުބޭއްވުމުގެ އިތުރުން ކުޅިވަރު މުބާރާތްތައް، ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް އަންގާފައެވެ.
މީގެއިތުރުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރުމަށާއި އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.