Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ލުއިފަސޭހަ ގޮތަކަށް ޕީސީއާރް ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފި

މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ލުއިފަސޭހަ ގޮތަކަށް ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައިފިއެވެ.

މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއެކު އެޗްޕީއޭއިން ވަނީ މާލެއިން އެހެން ރަށްރަަށަށް ދަތުރުކުރެވޭނީ ޕީސީއާރް ޓެސްޓް ހަދައިގެންކަމަށް ބުނެފައެވެ. އެ އެންގުމާ ގުޅިގެން ޓެސްޓް ހެދުމަށް ރެއާއި މިއަދު ގިނަ ބަޔަކު ސޯޝަލް ސެންޓަރު ސަރަހައްދުގައި ދިގު ކިއުތައް ހަދާފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވެފައިވާއިރު، ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންނަށް ދަތިނުވާ ގޮތަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ޕީސީއާތް ހެދޭނެ އިންތިޒާމް ގާއިމްކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި އެތައްގަޑިއިރުތަކެއް ވަންދެން ރައްޔިތުން ކިއޫގައި ތިބެން ޖެހުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ސާމްޕަލް ނެގުމަށް ގިނަ އިރު ކިއުގައި ތިބެންޖެހުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްޕީއޭއިން ވަނީ ސާމްޕަލް ނެގުމަށް އެފްއޭއެމް ބިލްޑިންގައި އިތުރު ސެންޓަރެއް ހުޅުވާފައެވެ. އަދި ސޯޝަލްސެންޓަރު ގައި ހިންގި ސާމްޕަލް ނެގުމުގެ ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފައިވެއެވެ.