Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ 2000 ރުފިޔާއަކީ އެކަށީގެންވާ މިންވަރެއް ނޫން: އެޗްއާރްސީއެމް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތަކީ އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.

އެޗްއާރްސީއެމްއިން މިގޮތަށް ބުނެފައިވަނީ އެކޮމިޝަނުން އާންމުކޮށްފައިވާ އެކޮމިޝަންގެ "ހިއުމަން ރައިޓްސް ރިޕޯޓް 2021"ގައެވެ.

އެގޮތުން އެ ރިޕޯޓްގައި ބުނެފައިވަނީ, ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މައުލޫމާތުތަކަށް ބަލާއިރު, ދިވެހި އާބާދީގެ ނުވަ އިންސައްތަ މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށެވެ. އެއީ އާބާދީގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކެވެ.

އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނެފައިވާގޮތުން އުމުރުން 5 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ބަލާއިރު ނުކުޅެދުންތެރިކަމުގެ ނިސްބަތް 4 އިންސައްތައިގައި ހުރިއިރު, އުމުރުން 75 އަހަރުން މަތީ މީހުންގެ މެދުގައި ނުކުޅެދުންތެރިކަން ހުރީ 58 އިންސައްތައިގައެވެ.

ރިޕޯޓްގައިވާގޮތުން ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ 15,360 މީހުން ދިރިއުޅޭއިރު މީގެތެރެއިން ދައުލަތުން ދޭ މާލީއެހީތެރިކަން ހޯދުމަށް އެންސްޕާގައި ރެޖިސްޓްރީ ކުރެވިފައިވަނީ 7,771 މީހުންނެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޮޑު އާބާދީއަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ވާސިލުވެފައިވާކަމަށް ޤަބޫލުނުކުރެވޭއިރު, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖްތިމާއީ ރައްކާތެރިކަމުގެ ޕްރިގްރާމްގެ ފައިދާ ކުރަނީ ކިހާމިންވަރަކަށްތޯ ބެލުމަށް އެސެސްމަންޓެއް ހެދިފައެއް ނުވެއެވެ." އެޗްއާރްސީއެމްގެ ރިޕޯޓްގައިވެއެވެ.

ހިއުމަން ރައިޓްސް ރިޕޯޓް 2021 ގައި ބުނެފައިވަނީ, ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ 2000 ރުފިޔާގެ މާލީ ޢިނާޔަތަކީ "އެ މީހުންގެ ޒަރޫރީ ބޭނުންތަށް ފުއްދުމަށް އެކަށީގެންވާ މިންވަރެއް ނޫން" ކަމަށެވެ.

އަދި ޚާއްޞަކޮށް "ބޮޑެތި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަން ފުއްދުމަށް މި އަދަދަކީ ވަރަށް ކުޑަ މިންވަރެއް" ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

"މި އެލަވެންސް ދިނުމުގައި ރާއްޖޭގެ އިންފްލޭޝަނަށް ރިޢާޔަތް ކުރެވެމުން ނުދާތީވެ، މީގެ 10 އަހަރުކުރިން ދޭންފެށުނު އެލަވަންސަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ފުރިހަމަކުރުމަށްވެސް އެކަށީގެންވާ އަދަދެއްނޫންކަން ފާހަގަކުރެވެއެވެ." އެޗްއާރްސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނޭޝަނަލް ރެޖިސްޓްރީއެއް ޤާއިމުކުރުމަށް ލާޒިމުކޮށްފައިވީނަމަވެސް، މިހާތަނަށް މި ރެޖިސްޓްރީ ޤާއިމު ކުރެވިފައިނުވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ރެޖިސްޓްރީ ޤާއިމުވެފައި ނެތުމުގެ ސަބަބުން ތަފާތު ދާއިރާތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށާއި, މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓަރސް ރެޖިސްޓްރީއެއް ޤާއިމުކުރުމުގައިވެސް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނޭޝަނަލް ރެޖިސްޓްރީއެއް ނެތުންކަން ފާހަގަކުރެވިފައިވޭކަމަށް އެޗްއާރްސީއެމްގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އެންސްޕާ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތަފާތު އެހީތެރިކަމުގެ އާލާތްތައް ފޯރުކޮށްދެވުނު ކަން ފާޙަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ, މީގެ ތެރޭގައި ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް ބޭނުންވާ ކޭން އަދި ސޫނާ ބޭންޑްފަދަ އާލާތްތައް އެންސްޕާ މެދުވެރިކޮށް ލިބެން ނެތްކަން އެފަރާތްތަކުން ފާހަގަކުރާކަމަށެވެ. އަދި މިފަދަ އާލާތްތަކަކީ ލޮލަށް ނުފެންނަ ފަރާތްތައް އަމިއްލައަށް ހިނގާ ބިނގާވެ އުޅުމަށް މުހިއްމު ތަކެތިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.