Last Updated: June 15, 11:39
Monday, June 15, 2026
ޚަބަރު

ކަރަންޓީން މުއްދަތު 10 ދުވަހަށް ކުރު ކުރަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކާއި ކޮންޓެކްޓްވެގެން ކަރަންޓީންވާ ފަރާތްތަކުން ވަކި ހާލަތްތަކެއްގައި ކަރަންޓީންވާންޖެހޭ މުއްދަތު ކުރު ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް، ކަރަންޓީނު ވާން ޖެހޭ މުއްދަތުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އެހެންކަމުން ރާއްޖެއިންވެސް ކަރަންޓީންވާ ފަރާތްތައް ކަރަންޓީންވާ މުއްދަތަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ކަރަންޓީންގައި ތިބޭ ފަރާތްތަކުން ވެކްސިން ފުރިހަމަ ކޮށް އަލާމާތެއް ނެތް ނަމަ، 10 ދުވަސް ފަހުން ޓެސްޓު ނުކޮށް ދޫކޮށްލުމާއި، ފަސް ދުވަސް ފަހުން ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހު އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނުން ދޫކޮށްލުންކަމަށެވެ.

އަދި ވެކްސިން ނުޖަހާ ތިބޭ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނެއް ވާންޖެހޭނެކަމަށާއި، ކަރަންޓީނުން ދޫކޮށްލާނީ، 14 ދުވަސް ފަހުން ޓެސްޓު ހަދައި އެ ޓެެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއިން ގިނަ ބަޔަކު ޖަހާފައިވާއިރު މިފަހަކާ ޖެހެންދެން މާލެ ސަރަހައްދުގައި ބަލި އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. އެހެންނަމަވެސް އަނެއްކާވެސް ބައްޔަސް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.