މިވަގުތު ފެތުރެމުން އަންނަ ބޭރަށް ހިންގުމުގެ ރޯގާއަށް ސަމާލުވުމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާރު މިފެތުރޭ ބޭރަށް ހިންގުމުގެ ރޯގާގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށާނެކަމަށެވެ.
އެގޮތުން 12 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި އަލާމާތްތައް ފެންނަން ފަށާނެކަމަށާއި، ހަށިގަނޑުގައި އެ ބަލި ހުންނަ މުއްދަތު ވެސް ވަރަށް ކުރު ކަމަށެވެ.
އެގޮތުން މި ވަައިރަސް ހަށިގަނޑުގައި ހުންނަނީ ގާތްގަނޑަކަށް 24 ގަޑިއިރާ 60 ގަޑިއިރާ ދެމެދުގެ މުއްދަތެއްގައި ކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
އާންމުކޮށް މި ބަލިން ފެންނަ އަލާމާތްތަކީ ހޮޑުލެވުމާއި ބޭރަށް ހިންގުންކަމަށާއި، ހަށިގަނޑުގައި ބަލި ހުންނަ މުއްދަތުގައި ވަރުބަލިވުމާއި ގައިގައި ރިއްސުން ފަދަ ކަންކަން ދިމާވާނެކަމަށެވެ.