Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ކެމްޕޭނަށް މިނިސްޓަރު ޝާހިދު އަދި މިނިސްޓަރު މާރިޔާ ކޮމަންޑޫ ދާއިރާއަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ފުރާވަޑައިގެންފިއެވެ.

އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

މިނިސްޓަރު ޝާހިދާއި މިނިސްޓަރު މާރިޔާ ބައެއް މަޖިލިސް މެމްބަރުންނާއެކު އެ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި ދާއިރާގެ ރަށްތަކަށް ވަޑައިގަންނާނެކަމަށް މައުލޫމާތުލިބެއެވެ.

ކޮމަންޑު ދާއިރާގެ ބައިއިލެކްޝަނަށް ޕާޓީތަކުން ކެމްޕޭން ކުރަމުން އަންނައިރު، ކެމްޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެއެވެ.

މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.

ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.