Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުކުރާތީ އެމެރިކާގެ ކަންބޮޑުވުން

ޗައިނާއިން އުފައްދާފައިވާ މިސައިލްތަކެއް--

ޗައިނާއިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުކުރަމުން އަންނާތީ އެކަމާ މެދު އެމެރިކާގެ ކަންބޮޑުވުން އިތުރުވާން ފަށައިފިއެވެ.

ޗައިނާއިން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައިވަނީ ސްޕޭސް ބޭސްޑް ނިއުކްލިއާ ޑެލިވަރީ ސިސްޓަމެއް ޓެސްޓުކޮށްފައެވެ. އަދި މި މިސައިލް ޓެސްޓަކީ ޗައިނާއިން، އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމްތަކާ ދެކޮޅަށް އިތުރު ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް ކަމަށް މިފަދަ ކަންކަން ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މީގެކުރިން ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޗައިނާއިން އަބަދުވެސް ނިއުކްލިއަރ ހަތިޔާރު ގެންގުޅެމުން އައީ އެމެރިކާ ނުވަތަ ރަޝިޔާއަށް ވުރެއް މަދުންނެވެ. ޗައިނާއިން މިކަމުގައި ގެންގުޅޭ ޕޮލިސީއަށް ކިޔަމުން އައިސްފައިވަނީ 'މިނިމަމް ޑިޓާމިނޭޝަން'އެވެ. މާނައަކީ ޗައިނާއިން ނިއުކްލިއަރ ހަތިޔާރު ގެންގުޅޭނީ ބެއިޖިންއަށް ހަމަލާއެއް އަމާޒުވާ ހިނދު ރައްދު ހަމަލާ ދިނުމަށް ބޭނުންވާ މިންވަރަށް އެކަނިކަމަށެވެ. މީގެއިތުުރުން ޗައިނާއިން އިސްވެ ނިއުކްލިއަރ ހަމަލާއެއް ނުދިނުމަކީވެސް ޗައިނާއިން ގެންގުޅޭ ޕޮލިސީއެކެވެ. ޗައިނާ މިހާތަނަށް ބުނަމުން އައިސްފައިވަނީވެސް އެގައުމުން ނިއުކްލިއަރ ހަމަލާއެއް ދޭނީ އެހެންގައުމަކުން ޗައިނާއަށް އަމާޒުކޮށް ނިއުކްލިއަރ ހަމަލާއެއް ދޭ ހާލަތްތަކުގައި އެކަނިކަމަށެވެ.

އެހެންނަމަވެސް ޗައިނާއިން ނިއުކްލިއަރ ހަތިޔާރާ މެދު ގެންގުޅެމުން އަންނަ ޕޮލިސީ މިހާރު ބަދަލުވަމުން އަންނަކަމަށް މިފަދަ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެގައުމުން ނިއުކްލިއަރ ހަތިޔާރު އުފައްދަމުން އަންނަ މިންވަރު އިތުރުކުރަމުން އަންނަކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.

އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން ލަފާކުރާ ގޮތުން 2020 ވަނަ އަހަރު ޗައިނާގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ އަދަދު 200 އަށްވުރެއް ދަށެވެ. އެހެންނަމަވެސް ހަމަ އެއަހަރު 'ބުލެޓިން އޮފް ދަ އެޓޮމިކް ސައިންޓިސްޓް'ގައި ބުނެފައިވަނި ޗައިނާ އަތުގައި 350 އާ ގާތްކުރާ އަދަދަށް ނިއުކްލިއަރ ހަތިޔާރު ހުރި ކަމަށެވެ.

ނިއުކްލިއަރ ހަތިޔާރާ ގުޅޭ ކަންކަން ދިރާސާކުރަމުން އަންނަ ފަރާތްތަކުން މިހާރު ލަފާކުރަމުން އަންނަގޮތުގައި، ޗައިނާއިން ނިއުކްލިއަރ ހަތިޔާރާމެދު ގެންގުޅޭ ސިޔާސަތު 2020 ވަނަ އަހަރު ބަދަލުކުރުމާއެކު، 2027 ވަނަ އަހަރާ ހަމައަށް 700 އާ ގާތްކުރާ އަދަދަށް ނިއުކްލިއަރ ހަތިޔާރު ޗައިނާގައި ހުންނާނެއެވެ. އަދި ޗައިނާއިން މިހާރު އަމާޒު ހިފާފައިވަނީ 2030 ގެ ނިޔަލަށް އެގައުމުގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ އަދަދު 1000 އަށް އެރުވުމަށްކަމަށްވެސް ބުނެފައިވެއެވެ. ޗައިނާއިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުކުރަމުން އަންނައިރު، އެމެރިކާގައި މިހާރު ހުރީ 1550 ނިއުކްލިއަރ ބޮމެވެ.

ޗައިނާއިން ނިއުކްލިއަރ ހަތިޔާރު އުފެއްދުން އިތުރުކުރަމުން އަންނައިރު އެކަމުގައި އެމެރިކާގެ ކަންބޮޑުވުން އޮތްކަން އެމެރިކާގެ ޕެންޓަގަންއިން ނެރެފައިވާ ރިޕޯޓަކާ ހަވާލާދީ، ނިއުކްލިއަރ ހަތިޔާރާ ގުޅޭ ކަންކަން ދިރާސާކުރަމުން އަންނަ ފަރާތްތަކުން ބުނެއެވެ.