Last Updated: June 15, 10:30
Monday, June 15, 2026
ޚަބަރު

ދެ ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން

ކޮމަންޑޫ--

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ނަޒާހާތްތެރިކަން ޔަގީންކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 5 ފެބްރުއަރީ 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް 7 ޖެނުއަރީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ށ. ކޮމަންޑޫއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އިއުލާންކޮށްފައިވާ ކަމަށެވެ.

އެމަސައްކަތް 14 ޖެނުއަރީގައި ފެށުމަށް ތައްޔާރުވެފައިވާއިރު، އެކަމާއި ގުޅިގެން ޓްރާންސްޕޭރެންސީން ބުނެފައިވަނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށާ، އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާބޭއްވުންފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ. އަދި މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރި ކަމާއިމެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާއެކު ކެންޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވާކަމަށެވެ.

ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި އޮތް މަސައްކަތެއް ނޫންކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ވަނި މިކަމަށް ފައިސާ ހަމަޖައްސާގޮތެއްވެސް ހާމަކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. މި ހުކުރު ދުވަހު ބިން ހިއްކުމުގެ މިމަސައްކަތް ފެށުމަށް ނިންމާފައިވާއިރު އެކަމާ ގުޅިގެން އީއައިއޭ އެއް ހަދާފައިނެތްކަން ވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރު ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އަވަސް މުއްދަތެއްގައި ފަށަން އިއުލާންކޮށްފައިވާއިރު، ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ކޮމަންޑޫގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނިފައި ނުވާކަމަށާއި، މިނިސްޓްރީ އޮފް ފައިނޭންސްގެ ވެބްސައިޓުގައި އެވޯޑު ކޮށްފައިވާ އަދި ޓެންޑަރއަށް ހުޅުވާލެވިފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި ވެސް ށ. ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މައުލޫމާތު ހިމެނިފައިނުވާކަމާއި، ށ. ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއު އާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ނުވާކަންވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރެފައިވާ ބަޔާނުގައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާ ކުރާ ގާނޫނެއް އެކުލަވާލުމާއިއެކު، އެގާނޫނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމައަށް ތަންފީޒުކުރަން ފެށުމަށްވެސް ގޮވާލާފައިވެއެވެ.

މީގެއިތުރުން އިންތިހާބުތަކާއި ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާނުކޮށް އިފްތިތާހުކޮށް، ރައްޔިތުންގެ ވޯޓަށް ބާރުފޯރުވުން ހުއްޓާލުމަށްވެސް ޓްރާންސްޕޭރެންސީން ގޮވާލާފައިވެއެވެ.