Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު ކޮވިޑު ވެކްސިން

ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސް ސޯލިހް އިލްތިމާސްކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިޖން ދިފާއުވުމަށް ހުރިހާ ރައްޔިތުންވެސް ވެކްސިންގެ ބޫސްޓަރ ޑީޒް ޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒް 18 އަހަރުން މަތީގެ އެންމެނަށް ޖަހަން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ވެކްސިންގެ ބޫސްޓަރ ޑޯޒް ކަމަށެވެ. ބޫސްޓަރ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މިއަދު ފެށިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ ހުރިހާ ފަރާތްތަކަކުންވެސް ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖެހުން މިއަދުވަނީ ފަށާފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި http://book.hpa.gov.mv އިން އެޕޮއިންޓް ހެދޭނެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 29،000 އަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒު ޖަހާފަ އެވެ. ބޫސްޓާ ޑޯޒް މިހާތަނަށް ޖަހަމުން އައިސްފައިވަނީ ސިއްހީ ދާއިރާ އާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށެވެ.