Last Updated: April 16, 23:13
Tuesday, April 16, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ސިޓީ އަށް 13 ޕޮއިންޓުގެ ލީޑެއް

ޗެލްސީގެ މައްޗަށް 1-0 އިން ކުރި ހޯދާ މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 56 ޕޮއިންޓާ އެކު އެވެ. 43 ޕޮއިންޓާ އެކު ދެވަނައިގައި ޗެލްސީ އޮތްއިރު 42 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ލިވަޕޫލް އެވެ. މިއަދުގެ މެޗަކީ ސިޓީން ލީގުގައި ޖެހިޖެހިގެން މޮޅުވި 12 ވަނަ މެޗެވެ.

ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ސިޓީގެ ޖެކް ގްރީލިޝް އަށް ވަނީ ލީޑު ނަގަން ފުދޭވަރަކަށް ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ގްރީލިޝް ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ޗެލްސީގެ ކީޕަރު ކެޕާ އެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވެ ޗެލްސީގެ ރޮމެލޫ ލުކާކޫ އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުން ސިޓީ މޮޅުކޮށްދިން ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ. ޑި ބްރޭނާ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލާއެކު ބަދަލުތަކެއް ގެނެސްގެން މެޗުގެ ނަތީޖާ އެއްވަރުކުރަން ޗެލްސީން މަސައްކަތް ކުރި ނަމަވެސް އެކަން އެޓީމަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.