ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް ޝާހީން އިޤްބާލް، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ހޮނިހިރު ދުވަހު ބަންޑާރަކޮށީގައެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ދެޤައުމުގެ ދެމެދުގައިވާ ގާތް، ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދެޤައުމު ހިމެނޭ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދިފާއީ އަދި ސަލާމަތީ ރޮނގުން، އެއްބާރުލުން އިތުރުކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެމްއެންޑީއެފްއާއި ބަންގްލަދޭޝް ނޭވީއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެއްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތުދެއެވެ. މިގޮތުން، އެމްއެންޑީއެފްގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މިއީ ބަންގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފްކަމުގައި ހުންނަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ.