Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އޭސީސީގެ ހުސްވެފައިވާ ފަސް މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހާއި އަދި 31 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. އަދި ދި، މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީގެ މެމްބަރުންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށްފަހު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުމާ ގުޅިގެންނެވެ.

އޭސީސީގެ މެމްބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލީހުގެ މެމްބަރުންގެ މެދުަގއި އަބަދުވެސް ކަންބޮޑުވުން އޮތެވެ. އެގޮތުން އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުން ލަސްވާ މައްސަލައިގައި އެމްޑީޕީ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.