Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރިއަށް

ފަތުރުވެރިޔާ ހޯދުމުގައި ޑައިވަރުން ހަރަކާތްތެރިވަނީ-- ފޮޓޯ: އެމްއެންޑީއެފް

ޑައިވްކުރަން ފައިބާ އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދަމުން އަންނަކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އދ.މަންދޫ ކައިރި ފަރަކަށް ޑައިވް ކުރަންދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިއެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ވެލާނާ" ދަނީ ޑައިވަރުންނާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ސާފޭސް ސާރޗްގެ އިތުރުން، ޑައިވް ކޮށްގެން ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ. މިމަސައްކަތުގައި އެސަރަހައްދުގެ ރިސޯޓްތަކުގެ ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި، އަދި މިއަދު ވައިގެ މަގުންވެސް ސާރޗްކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިހާތަނަށް ކުރެވުނު މަސައްކަތުން ފަތުރުވެރިޔާ އަދި ފެނިފައެއްނުވެއެވެ.