Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ސަރުކާރުން ސަމާލުކަންދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް

ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރު ހޮސްޕިޓަލުގައި ސީޓީ ސްކޭން، މެމޮގްރަފީ އަދި އޯޕީޖީގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ހާއްސަކޮށް ސިއްހީ ހިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަ އަވަސް ހިދުމަތްތަކެއް ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެމުންއަންނަކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް ހިދުމަތްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ބާރަށް ކުރިޔަށްދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް މަޖުބޫރުވާ ފަދަ ގޮތަކަށް ކަންކަން ކޮށްގެން ވަކި ދިމާއަކަށް ރައްޔިތުން ގެންދިއުމަށް މި ސަރުކާރުން މަސައްކަތް ނުކުރާނެކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރަނީ އެބަޔަކު ދިރިއުޅޭ އަތޮޅުގައި ނުވަތަ ރަށެއްގައި އާއިލާއާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން އެންމެބޮޑު ސަމާލުކަމެއްދެނީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ސިއްހީ ހިދުމަތްތައް ލާމަޒުކަޒުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ މާލެ ފިޔަވައި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސީޓީ ސްކޭންގެ ހިދުމަތަށް ބަލާލިނަމަވެސް ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މާލެ ފިޔަވައި ރާއްޖޭގައި އެކި ކަންކޮޅުތަކުގައި 3000 ވަރަކަށް މީހުންނަށް މި ހިދުމަތް ލިބިދީފައިވާކަމުގައެވެ.