Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ގެއްލުންވެފައިވަނީ އެޗްޑީސީން އަޅާފައިވާ ކޭބަލަށް، ހެދުމަށް ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަވާނެ

ގެއްލުންވެފައިވާ ކޭބަލް--

ހިޔާ ފްލެޓްތަކަށް ކަރަންޓް ދިނުމަށް ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަވާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާއިރު، ސްޓެލްކޯއިން ބުނެފައިވަނީ ކޭބަލަށް ގެއްލުންވެފައިވަނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ކަމަށެވެ. އަދި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ ގާތްގަނޑަކަށް 09:30 ހާއިރުއެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓި ކެނޑުމުގެ ސަބަބުން، ޓަވަރުތަކުގެ އެންމެ މަތީގައި ހުންނަ ފްލެޓްތަކަށް ފެނުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. ފްލެޓްތަކަށް ފެނުގެ ހިދުމަތް ކެނޑިފައިވަނީ ބޫސްޓަރ ޕަންޕަށް ކަރަންޓް ނުލިބޭތީ ޓަވަރުތަކުގެ މައްޗަށް ފެން ނުފޮނުވިގެންނެވެ. 25 ބުރިއަށް އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑުމުން، ލިފްޓް ބޭނުންނުކުރެވޭތީ ފްލެޓްތަކަށް އަރާ ފޭބުމުގައިވެސް އެކިދަތިތަށް ކުރިމަތިވަމުން އަންނަކަން ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.