މާފުށީ ޖަލުން 36 ގައިދީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މިދިޔަ ހުކުރު ދުވަހު ކުއްލި ހާލަތަށް މާފުށި ޖަލު ގެނެސްފައިވާއިރު، އޭރު ޖަލުން ޕޮޒިޓިވް ވެފައިވަނީ 7 އޮފިސަރުންނާއި 4 ގައިދީންނެވެ.
ކަރެކްޝަންސްއިން "އައްޑޫލައިވް"އަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔަގެ ނިޔަލަށް މާފުށި ޖަލުން ވަނީ 36 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 68 ގައިދީއަކު ކަރަންޓީން ކޮށްފައެވެ.
އަދި ފަސް އޮފިސަރަކު މިވަގުތު ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ތިބިއިރު، 12 އޮފިސަރަކު ކަރަންޓީން ކޮށްފައިވާކަމަށްވެސް ކަރެކްޝަންސްއިން މައުލޫމާތުދެއެވެ.
ކޮވިޑް-19 ގެ ހާލަތު މާލެއާއި އަތޮޅު ތަކުގައި ގޯސްވަމުން އަންނައިރު، އިއްޔަވެސް ރާއްޖެއިންވަނީ 1209 މީހުން ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 103،581 އަށް ވަނީ އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 5975 ކޭސް އެވެ. މި ބަލިން 97،328 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 26 މީހަކަށެވެ. މި ބަލީގައި 265 މީހަކު ވަނީ ނިޔާވެފައެވެ.