Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ސިޔާސީ ހަރަކާތްތައް ސްކޫލްތަކަށް ފޯރުމުން ނައިބުރައީސްގެ ކަންބޮޑުވުން

ނައިބު ރައީސް ފައިސަލް ނަސީމް-- ފޮޓޯ: ރައީސް އޮފީސް

އެކި ނަންނަމުގައި ހިންގާ ހަރަކާތްތައް ސުކޫލްތަކަށް ފޯރުވުމުން، ނައިބު ރައީސް ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައިމިވަނީ ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ޓީޗަރުން ރައްކާތެރިކަމަށް އެެދެމުން އަންނަކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސިޔާސީ އެކި ހަރަކާތްތައް ސްކޫލްތަކަށް ފޮރުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކި ގޮތްގޮތުން ޓީޗަރުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެއްދުމަށް ކުރާމަސައްކަތް ކުއްވެރިކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާހުކޮށްދެއްވި ތިން ރަށުގެ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ރަށުގައި ތިބެ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ ގާތްގަޑަކަށް 12 ވަރަކަށް އަހަރުވަންދެން އެފުރުސަތު ނުލިބި އޮތުމަށްފަހުގައިކަމަށެވެ. އަދި މި ލިބުނު ފުރުސަތާއެކު ރަށްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތައުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވާ ރަށްތަކެއް ކަމުގައިވާ ބ. ފެހެންދޫ ވ. ތިނަދޫ އަދި ވ.ރަކީދޫގެ ސްކޫލެވެ. ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރަކާ، މަސައްކަތު މީހަކު، ހަރަކާތްތެރިވާނެއެވެ.

ސެޓެލައިޓް ސްކޫލްތަކުގައި ހައި ސްޕީޑް އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވާދިނުން ކުރިޔަށްގެންދާއިރު މި ނިޒާމުގައި ދަރިވަރުން ކިޔެވުމަށް ހާޒިރުވާނީ އެކުދިން އަމިއްލަ ރަށުގެ ސުކޫލަށެވެ. ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދުވެސް ދަރިވަރުންނާއެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތައް ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ހަމަޖައްސާފައިވެއެވެ. އަދި މި ބެލެނިވެރި ސުކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސުކޫލު ދަރިވަރުން، ބެލެނިވެރި ސުކޫލަށް ހާޒިރުވެގެން ބައިވެރިވެވޭނޭ އިންތިޒާމްތައް ވެސް ހަމަޖައްސާފައިވެއެވެ.