Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މީރާގެ މުވައްޒަފުނަށް ފުލުހުން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ހިންގާ އިންވެސްޓިގޭޝަން އޮފިސަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށައިފިއެވެ.

މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ މީރާގެ އެދުމުގެ މަތިން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީސް (އައިލްސް) އިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މީރާގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްގައި، ތަހުޤީޤް ކުރުމުގެ ހުނަރުތަކާއި ފްރޯޑް އެންޑް ފައިނޭންޝަލް ކުށްތަކާއި ފައިސާގެ މައްސަލަތައް ބެލުމުގައި ފުލުހުންގެ ދައުރާއި، ކްރައިމް ސީނެއްގައި ފޮރެންސިކްގެ މުހިއްމުކަމާއި ތަހުޤީޤް ކުރާ އޮފިސަރެއްގެ ގައިގައި ހުންނަން ޖެހޭ ސިފަތަކާއި ޕްރެޒެންޓޭޝަން ސްކިލްސްގެ އިތުރުން ޓީމް ބިލްޑިންގ ފަދަ ބައިތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވެސް މި ތަމްރީން ޕްރޮގްރާމްގައި އަމަލީ ގޮތުން ތަހުޤީޤް ކުރުމުގައި ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަ ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ އައިލްސްގެ މުދަރިއްބުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުޤީޤް ކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރި ފުލުހުންނެވެ.