Last Updated: June 30, 06:12
Tuesday, June 30, 2026
ޚަބަރު

އަވަށު ބޯޑް ހަދައި މަގާމުތައް ދިނީ އެލްޖީއޭ އަށް ނޭނގި!

ހިތަދޫ އަވަށު ބޯޑުގެ ރައީސް އަދި ނައިބް ރައީސް.

އައްޑޫ ސިޓީ ކައުންސިލުން 2011 ވަނަ އަހަރުގެ ތެރޭގައި އަވަށު ބޯޑުތަކެއް އުފައްދައި އެ އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައި ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިބިގެން ނޫން ކަމަށް އަވަށު ބޯޑު މައްސަލަ އިސްތިޢުނާފް ކުރުމަށް އައްޑޫ ސިޓީ ކައުންސިލުންހައިކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ހާމަވެއްޖެ އެވެ.

އަވަށު ބޯޑުތައް އުފައްދާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އަދި އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޖޫން 4، 2013 ގައި ނިންމާފައިވާ ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް ދެއްވުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން ހައި ކޯޓަށް ހުށަހެޅި މައްސަލާއިގެ ފުރަތަމަ އަޑު އެހުމުގައި އިސްތިޢުނާފް ދަޢުވާ ހުށަހަޅަމުން އައްޑޫ ސިޓީ ކައުންސިލުގެ ލީގަލް އޮފިސަރު އަލްއުސްތާޒް ޙުސައިން ޙަބީބް ވަނީ އިސްތިޢުނާފީ ދެ ނުކުތާއެއް ފާހަގަކޮށްފަ އެވެ.

އަދި އެ ފަރާތުން އެދުނީ އެކަންތަކަށް ރިޢާޔަތް ކުރައްވައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށެވެ.

އަވަށު ބޯޑު މައްސަލަ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދި ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ވާދަކޮށް ނާކާމިޔާބުވި ސ.ހިތަދޫ ނޫރުވާދީ އިބްރާހިމް ރަޝީދު ވަޖުދީގެ ފަރާތުން އިސްތިޢުނާފް ދަޢުވާއަށް ޖަވާބުދާރީވަމުން އޭނާގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އިބްރާހިމް ޝަމީލް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އިން އިސްތިޢުނާފް ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޤާނޫނުގެ ރޫޙާ ޚިލާފު ވަނީ ކޮން ގޮތަކަށްކަން ބަޔާންކޮށް ދެވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ރަޝީދު ހުށަހެޅުއްވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

އަދި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި މައިގަނޑުގޮތެއްގައި ރިޢާޔަތްކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤީ ރިޕޯޓްގައި ޙަވާލާ ދީފައިވާ އެލްޖީއޭގެ ދެ ސިޓީ ވެސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދައި ރަޝީދުގެ ފަރާތުން ހައިކޯޓަށް މިއަދު ހުށަހަޅާފައިވެ އެވެ.

އެ ގޮތުން އެލްޖީއޭ އިން އޭސީސީއަށް ފޮނިވި ސިޓީގައި ވަނީ "04 އޭޕްރީލް 2012 ގައި ލޯކަލް ގަވާރމަންޓް އޮތޯރިޓީ އިން ފޮނުވާފައިވާ ސިޓީގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮފީސްތަކަށް އަވަށު ބޯޑުގެ ރައީސުންނާއި ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ޢައްޔަންކޮށްފައިވާކަން އެ އޮތޯރިޓީ އަށް އެނގިފައި ނުވާ ކަމަށާއި އެފަދަ ނިޒާމެއް އުފެއްދުމަށް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ."

އެހެންކަމުން އެލްޖީއޭގެ ބަހެއް ނުހޯދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރި ނުކުތާގައި އެ ފަރާތުގެ ބަހެއް ހޯއްދެވި ނަމަވެސް ދަށު ކޯޓުގެ ނިޔާއަށް ބަދަލެއް ނާންނާނެކަން އެނގޭކަމަށާއި އެހެންކަމުން ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލް ކުރާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވެ އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލާގައި ފަނޑިޔާރުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައެއް ސުވާލުތައް ވެސް ކުރިމަތިކޮށްފަ އެވެ.

މިގޮތުން ދަށު ކޯޓުގެ ޙުކުމަށްފަހުވެސް އަވަށު ބޯޑުތަކުގެ މެމްބަރުން ދެމި ތިއްބެވިތޯ އާއި އަދި މުސާރަ ދެއްވަމުން ގެންދަވާތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ ބައެއް މެމްބަރުން އަވަށު ބޯޑުތަކުގައި އަދިވެސް ތިއްބެއްވި ކަމަށާއި އަދި މުސާރަ ވެސް ދެއްވަމުން ގެންދަވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރުން ކަމުގައެވެ.

މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތެއް ނުވެފަ އެވެ.

އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި ވަގުތީ ނައިބު ރައީސުންގެ ގޮތުގައި ބަޔަކު ލައްވާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރެއްވުމަށް ފަހު ވެސް އަވަށު ބޯޑުތަކުގެ މެމްބަރުން ވަޒީފާއަށް ނިކުންނަވައި މުސާރަ ނަންގަވަމުން ގެންދަވަ އެވެ.

މިގޮތުން ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމީދޫ ދާއިރާގެ ކައުންސިލަރަކަށް ހޮވިފައިވާ އަލީ މުހައްމަދު (އައްދު) އަކީ މިހާތަނަށް ހުޅުމީދޫ އަވަށު ބޯޑްގެ ނައިބް ރައީސަކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ހިތަދޫ މެދު ދާއިރާގެ ޓިކެޓަށް ވާދަކުރައްވާ އިބްރާހީމް ޝިނާޒް މޫސާއަކީ މިހާރު ވެސް ހިތަދޫ އަވަށު ބޯޑުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ފަރާތްކަން ފާހަގަ ކުރެވެ އެވެ.

އައްޑޫ ސިޓީގެ އަވަށުބޯޑުގެ ރައީސުންގެ ގޮތުގައި ޤާނޫނާއި ޤަވާޢިދާޚިލާފަށް ބަޔަކު ހަމަޖައްސައިފައިވާ މައްސަލަ ތަޙްޤީޤު ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލްގެ ހަ މެމްބަރެއްގެ މައްޗަށް، ދަޢުވާ ކުރުމަށާއި، މި ޢަމަލުގެ ސަބަބުން ދައުލަތަށް ލިބިފައިވާ 2,197,714.01ރ. ގެ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ އޭސީސީން ވަނ ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ވެސް ފޮނުވާފައިވާކަން ފާހަގަ ކުރެވެ އެވެ.