Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑު ލެވެންޑޯސްކީ އަށް

ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ މި އަހަރު ކާމިޔާބުކޮށްފި އެވެ.

މި އެވޯޑު ޕޮލެންޑަށް އުފަން ލެވެންޑޯސްކީ ހާސިލުކުރީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އަދި ލިވަޕޫލަށް ކުޅެމުން އަންނަ މުހައްމަދު ސަލާހާއި ވާދަކޮށެވެ. މިއީ މި އެވޯޑު ލެވެންޑޯސްކީ ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

ލެވެންޑޯސްކީ މި އެވޯޑު ކާމިޔާބުކުރިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި ބަޔާން އަށް ކުޅެދިން 40 މެޗުގައި 48 ގޯލު ކާމިޔާބުކޮށް ނުވަ އެސިސްޓު ހަދާފައެވެ. ލެވެންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ބަޔާނަށް ޖަރުމަނު ލީގު ހޯދައިދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު ލެވެންޑޯސްކީ ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ މަޝްހޫރު ތަރި އެލެކްސިޔާ ޕުޓެޔާސް އެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ގެންދިޔައިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ ޗެލްސީގެ އަންހެން ޓީމުގެ ކޯޗު އެމާ ހޭސް އެވެ.

މިއަހަރުގެ އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ އެވެ. އަދި އެންމެ މޮޅު އަންހެން ގޯލްކީޕަރުގެ މަގާމު ގެންދިޔައީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކްރިސްޓިއާން އެންޑްލާ އެވެ.

އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ އެރިކް ލަމޭލާ އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ އެންމެ މޮޅު ފިރިހެން 11 ކުޅުންތެރިން ހިމެނޭ ޓީމުވެސް އިއުލާންކޮށްފައެވެ.

އެގޮތުން އެޓީމުގެ ކީޕަރަކީ ޑޮނަރުއްމާ އެވެ. ޑިފެންޑަރުންނަކީ ލިއަނާޑޯ ބޮނޫޗީ އާއި ރުބެން ޑިއާސް އާއި ޑޭވިޑް އަލާބާ އެވެ. މިޑްފީލްޑަރުންނަކީ ޑި ބްރޭނާ އާއި ޖޯޖީނިއޯގެ އިތުރުން ކަންޓޭ އެވެ. ފޯވާޑުންނަކީ ލެވެންޑޯސްކީ އާއި ރޮނާލްޑޯގެ އިތުރުން މެސީ އާއި އާލަން ހާލަންޑް އެވެ.