Last Updated: June 15, 07:23
Monday, June 15, 2026
ޚަބަރު

ޔޫ.އޭ.އީ އަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަބޫދާބީ އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒައިދް ބިލް ސުލްތާން އަލް ނަޙްޔާންއަށް ފޯނުން ގުޅުއްވައި، ޙަމަލާ ކުށްވެރިކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ ފޯނުކޯލްގައި، ދިވެހިން ތިބީ ޔޫ.އޭ.އީގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިކަމަށް ވިދާޅުވެ، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރު ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން ޝައިޚް ޢަބްދުﷲ އަށް އެރުވިއެވެ.

ހޯމަ ދުވަހު އަބޫދާބީ އިންޓަނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށްދިން މި ހަމަލާގައި ތިން މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވެއެވެ.

މި ހަމަލާ ކުށްވެރިިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަންވެސް މި ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި އެސަރަހައްދުގެ ސުލްހައަށް ޔޫ.އޭ.އީއިން ކުރަމުންގެންދާ މަސައްކަތަށް ދިވެހި ސަރުކާރުން ބަލައިގަންނަކަންވެސް ހާމަކޮށްފައިވެއެވެ.

"އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އަރުވަމެވެ." ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.