Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ތިލަމާލެ ބްރިޖްގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށަނީ

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖްގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.

މިނިސްޓްރީ އޮތް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ތިލަފުށި ލިންކް މަޝްރޫއު ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރ އެފްކޯންސް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާރވޭތައް ކުރުމަށް ބައެއް އިކުއިޕްމަންޓްތައް މިއަދު ރާއްޖެ ގެނެސްފައިވާކަމަށެވެ.

އަދި ޖިއޯޓެކްނިކަލް ސާރވޭގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ ދުވަހުގެ ތެރޭގައި ފެށޭނެކަމަށްވެސް ބުނެފައިވެއެވެ.

ބްރިޖް އަދި ކޯސްވޭ އިން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލެވިގެންދާއިރު، 100 މިލިޔަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޗެކްޓް އަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޗެކްޓަށް ވެގެންދާނެއެވެ.

ޖީ.އެމް.ޕީ.ސީ ޕްރޮޗެކްޓްއަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ބްރިޖް އަދި ކޯސްވޭ އިން ގުޅިގެން ދާނެ ޕްރޮޖެކްޓަކަށްވީއިރު 6.7 ކިލޯމީޓަރު ދިގު މި ބްރިޖް ފުންފަޅުތަކުގައި 1.45 ކިލޯމީޓަރު އަށް މެރިން ވިއަރޑަކްޓް، އަދި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއަރޑަކްޓް، އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯމީޓަރު ގެ މަގުހިމެނެއެވެ.

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރެވިފައި ހުންނާނެކަމަށާއި އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖް ގައި ހުންނާނީ ވައްބުރު ޖަންކްޝަނެއް ކަމަށް މައުލޫމާތު ދީފައިވެއެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނައިރު ސޯލާރ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.