Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ޔާމިންގެ މަރާލިކަން ސާބިތުނުވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ނިޔަތް އެބަ އޮތް: ޕީޖީ

ޔާމިން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން- ފޮޓޯ: ވީނިއުސް

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުުފުލި ހަ މީހުންގެ ތެރެއިން ކުށް ސާބިތުނުވި ހަތަރު މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް ނިންމަވައިފި އެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ މ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުން އުމުރަށް ޖަލަށް ލުމަށާއި ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1,333,333 (އެއްމިލިއަން ތިންސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ) ޔާމީން ރަޝީދުގެ ޢާއިލާއަށް ދިނުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގައި ގދ. ގައްދޫ، ސިންދުބާދުގެ، މުޙައްމަދު ދިފްރާންއާއި، ކުދެހިގެ، ޙަސަން ޝިފާޒުއާއި، ތާއިފް، އިސްމާޢީލް ރަޝީދުއާއި، ކޮޅުފުށި، އީސްޓް، ޙުސައިން ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެެޅުއްވި އެވެ.

މި ހުކުމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާންއަކީ ޔާމީން ރަޝީދު މަރާލުމުގެ ޢަމަލުގައި ޢަމަލީގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުންން ކަމަށާއި އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހަތަރު މީހުންނަކީވެސް ޔާމީން ރަޝީދު މަރާލުމުގެ ޢަމަލު ރޭވުމުގައާއި، އެކަން ތަންފީޛްކުރުމުގައި އެކި މިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެކި ޤަރީނާއިން އެނގޭ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

"މި ހަތަރު މީހުންގެ މައްޗަށް ކުރި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް މި އޮފީހުގެ އެބައޮތެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމެވުމުގެ މަޙްޝަރު ބަޔާންތަކާއެކު މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން، އެ ރިޕޯޓް ދިރާސާކުރުމަށްފަހު، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް މި އޮފީހުން ނިންމާނަމެވެ."

ޕީޖީ އޮފީހުން ބުނީ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ، މިބާވަތުގެ އަނިޔާވެރި ކުށްތަކުގެމައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އެ އޮފީހުން ދެކޭ ކަމަށެވެ.

"އަދި މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް މި އޮފީހުން ދާނަމެވެ." ޕީޖީ އޮފީހުން ބުނެފައިވެ އެވެ.