Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

ސްކޫލްތަކުގައި ކިޔަވައިދޭއިރު، ޓީޗަރުން މޫނުބުރުގާ އެޅުމާ އެމްޑީޕީން ދެކޮޅުކަން ހާމަކޮށްފި

ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް އެމްޑީޕީން ދެކޮޅުކަން ހާމަކޮށްފިއެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ކަމަށެވެ.

ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ތަނެއްކަން ފާހަގަކޮށް އެމްޑީޕީން ބުނެފައިވަނީ މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށެވެ.

"ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް މި ޕާރޓީން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ ބަޔާނުގައިވަނީ، މިގޮތަށް ވާހަކަ ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށެވެ. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަމަށާއި އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާގޮވާލުން ތަކުރާރުކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން މިފަދައިން ބަޔާނެއް ނެރެފައިވަނީ، މޫނުބުރުގާ އެޅި ޓީޗަރުންގެ މައްސަލައިގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެޑިއުކޭޝަން މިނިސްޓަރަށް ސިޓީއެއް ފޮނުވާ، މޫނުބުރުގާ އެޅި ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭނެކަމަށް ބުނެފައިވަނިކޮށެވެ.