Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ނަރުހުގެ މަރު: މާވިންގެ ބަންދަށް 30 ދުވަސް

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރި ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ބަންދަށް އިތުރު 30 ދުވަސް ދީފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާވިންގެ ބައެވެ.

މިމައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މާވިން ބުނެފައިވަނީ މައްސަލައައިގެން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ އެކުކަމަށެވެ. މީގެކުރިންވެސް މާވިންގެ ބަންދު މުއްދަތުގެ އަޑުއެހުންތައް ކުރިއަށްދިޔައިރު ވަކީލަކު ހުރިއިރު، މިއަދުގެ އަޑުއެހުމުގައި ވަކީލު ބައިވެރިވެފައެއް ނުވެއެވެ. އަދި ވަކީލަކު ހަމަޖައްސާފައިވާކަމުގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާކަންވެސް ގާޒީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ ފުރުސަތެއް ދީފައިވެއެވެ.

މީގެއިތުރުން މާވިންގެ ބަންދުގެ މުއްދަތު މިއަދު ހަމަވާތީ ދައުލަތުން ވަނީ މާވިންގެ ބަންދު އިތުރު ކުރުމަށް އެދިފައެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ވަނީ މާވިންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ.

މިމައްސަލައިގައި މާވިން އަށް ކުރަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. މާވިން ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ލަމްހާއަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އެވެ.