Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް އައްޑޫސިޓީގައި

އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް އައްޑޫސިޓީގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މިއަދު ފެނައިން ވަނީ، އައްޑޫސިޓީ ސޯލާ ޕީވީ ޕަވަރ ޕާޗޭސް އެއްބަސްވުމުގައި، ކްލިއަރ ފިއުޗަރ ސިނަރޖީޒް ލިމިޓެޑާ އެކު ސޮއިކޮށްފައެވެ.

މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕަވަރ ޕާރޗޭސް އެގްރީމެންޓް (ޕީޕީއޭ) އެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ. އަދި ވޯލްޑް ބޭންކް ފަަދަ ޑޯނަރ އެޖޭންސީއެއްގެ އެހީ އާއި ނުލާ ކުރިއަށް ގެންދެވޭ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު ޕްރޮޖެކްޓަށް ވާނެކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ.

މި ޕްރޮޖެކްްޓްގެ ދަށުން ސ.ހުޅުމީދޫގައި 2 މެގަވޮޓް ޕީކްގެ ސޯލާރ ޕީވީ ބެޓާރީ ސްޓޯރޭޖް ސިސްޓަމާއި އެކު ހަރުކުރެވެނޭއެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގައި 2.5 މެގަވޮޓް ޕީކްގެ ސޯލަރ ޕީވީ ހަރުކުރެވޭނެއެވެ. ފެނަކައިން ބުނެފައިވަނީ އުންމީދަކީ ކުރިމަގުގައި ހުޅުމީދޫގައި އިންސްޓޯލްކުރެވޭ ސޯލާރ އިން އެ ރަށު ކައިރީގައިވާ ރިސޯޓްތަކަށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުން ކަމަށެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭނުންވާ ކަރަންޓު ގެ (އެއަރޕޯޓްގެ ޔޫސޭޖް) , 100% އެ ތަނުގައި ގާއިމްކުރެވޭ 2.5 މެގަވޮޓް ޕީކްގެ ސޯލާރ ނިޒާމުން އުފައްދާނެ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ. މިއާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓުދެވޭ ރާއްޖޭގެ ފުރަތަމަ ސޯލާރ ޕަވަރޑް އެއަރޕޯޓަށް ވެގެންދާނެއެވެ.

ފެނަކައިން ބުނެފައިވަނީ މި މަޝްރޫއުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލިޓަރ ޑީސަލް އެންދުން މަދުކުރެވޭނެ ކަމަށެވެ. އަދި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާރބަން ޑައި އޮކްސައިޑް މަދުކުރެވޭނެ ކަމަށެވެ.