Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އިސްލާމްދީން ހިމާޔަތްކުރަން ކޮމަންޑޫ ދާއިރާގެ ގޮނޑި މުހިއްމު

ރާއްޖޭގައި އޮތް އިސްލާމްދީން ހިމާޔަތް ކުރަން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމް އަށް މުހިއްމު ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޝުޖާއު ވިދާޅުވީ އެމްޑީޕީން އުޅެނީ ގާނޫނު އަސާސީގައި އޮތް ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ އޮތް އޮތުން ކަނޑާލުމަށްފަހު ހުރިހާ ދީންތަކެއް ރާއްޖެ އަށް ގެންނަން ގާނޫނު އަސާސީ ބަދަލުކުރަން ކަމަށެވެ.

އެގޮތުން މިހާރު އެމްޑީޕީގައި އޮތީ 64 ގޮނޑި ކަމަށާއި އެކަނިމާ އެކަނި 65 މެމްބަރުންނާއެކު ގާނޫނު އަސާސީ ބަދަލުކުރެވޭއިރު އަވަށްޓެރި ގައުމުތަކުގެ އެހީއާއެކު މި ގޮނޑި ހޯދަން އެމްޑީޕީން މަސައްކަތް ކުރަނީ އެ ސަބަބާއި ހުރެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ ކޮންކަމެއް ވެގެން މި އުޅެނީ. މުޅި ސަރުކާރު ހިދުމަތް ދިނުން ހުއްޓާލާފައި އެންމެން އެތަނުގައި (ކޮމަންޑޫ ދާއިރާގައި). ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެބައޮތް ސަރުކާރުގެ. އެންމެ ގޮނޑިއަކާ ހެދި މިވަރުވާންޖެހޭތަ" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިއީ ޖޯކެއްގެ ގޮތުގައި ވިސްނުމަށް ވުރެ ބޮޑު ކަމެއް ކަމަށާއި ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމް އަށް މުހިއްމު ވަނީ މި ގައުމުގައި އޮތް އިސްލާމްދީން ހިމާޔަތް ކުރުމަށްޓަކާ ކަމަށެވެ. އަދި މި ގޮނޑި ޕީޕީއެމް އަށް ކާމިޔާބު ވުމަކީ ރާއްޖޭގައި އޮތް އިސްލާމްދީން ހިމާޔަތް ކުރަން ލިބޭ ފުރަތަމަ ފިޔަވަޅު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެމްޑީޕީގެ އަތުން 65 ގޮނޑި އޮޅާލައިގެން ގެނެވުން ކަހަލަ ކަމަކަށް ވެގެންދާނީ. އެއީ އެމީހުންގެ އަމިއްލަ ބާރުގައި ގާނޫނު އަސާސީގައިވާ މި މާއްދާ އެމީހުން ބޭނުންވާ ގޮތެއް ނެހެދުމަށް ލިބިގެންދާ ރަނުގެ ފުރުސަތު" ޝުޖާއު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.