Last Updated: April 20, 14:10
Saturday, April 20, 2024
ކުޅިވަރު

އާސެނަލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

އިނގިރޭސި ލީގުގެ ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި 2-0 އިން އާސެނަލް ބަލިކޮށް ލިވަޕޫލް އިން ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި މެޗު ނިމިފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެ މެޗު ކުޅެފައިވަނީ ލިވަޕޫލްގެ ދަނޑުގަ އެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހު ފައިނަލްގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ފައިނަލުން ފުރުސަތު ހޯދީ ދެ ލެގުގައި ވެސް ޓޮޓެންހަމް ބަލިކުރުމަށްފަހު އެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 19 ވަނަ މިނެޓްގައި ޑިއޯގޯ ޖޯޓާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ދެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޕެެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފުގައި ކުޅުން ފަށައިގެން ލީޑު ފުޅާކޮށްލަން ލިވަޕޫލްގެ 17 އަހަރުގެ ކައިޑޭ ގޯޑަން އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ނަމަވެސް މެޗުގެ 77 ވަނަ މިނެޓްގައި ޖޯޓާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ފައިނަލުގެ ޖާގަ އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.

މި މެޗުގައި އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އަށް ދެއްކި ރަތްކާޑާ އެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. ޕާޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކީ ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.