އެމް.ޑީ.ޕީ އަށް ކޮމަންޑޫ ދާއިރާ ގޮނޑި ލިބިއްޖެ ނަމަ، މޫނު ބުރުގާ އެޅުން މިޤައުމުގައި މަނާކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައިވާއިރު، ޝުޖާއު ވަނީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީއަށް ނުދިނުމަށް އެދިފައެވެ. އަދި ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އެމްޑީޕީއަށް ނުދިނުމަށްވެސް ޓްވީޓްގައި ގޮވާލާފައިވެއެވެ.
އެމް.ޑީ.ޕީ އަށް ކޮމަންޑޫ ދާއިރާ ގޮނޑި ލިބިއްޖެ ނަމަ،މޫނު ބުރުގާ އެޅުން މިޤަޢުމުގައި މަނާކުރާނެ.މިއީ ޔަޤީން ކަށަވަރު ކަމެއް.ކޮމަންޑޫ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުން އާދޭހާއި އެކު އެދެން،އެމް.ޑީ.ޕީ އަށް މިގޮނޑި ނުދެއްވާ!ޤާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު ނުދެއްވާ!#VotePPM
— Ibrahim Shujau (@IbrahimShujaau) January 22, 2022
ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު، ޝުޖާއު ނިސްބަތްވެވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގައިވެސް، މޫނުބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދިނުން އޮތީ މަނާކޮށްފައެވެ. އަދި ސްކޫލްތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރު، މިސަރުކާރުންނެވެ.
މީގެކުރިން އިދިކޮޅުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަމުންވެސް ޝުޖާއު ވަނީ އެމްޑީޕީން އުޅެނީ ގާނޫނު އަސާސީގައި އޮތް ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ އޮތް އޮތުން ކަނޑާލުމަށްފަހު ހުރިހާ ދީންތަކެއް ރާއްޖެ އަށް ގެންނަން ގާނޫނު އަސާސީ ބަދަލުކުރަން ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ރާއްޖޭގައި އޮތް އިސްލާމްދީން ހިމާޔަތް ކުރަން، ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ނަގައިދިނުން މުހިންމު ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.