Last Updated: June 15, 03:58
Monday, June 15, 2026
ޚަބަރު

ކޮވިޑް-19: 4 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންތަކެއް. ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ހަތަރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު ކޮވިޑް-19 އާ ގުޅިގެން ޖުމުލަ 48 ފަރާތެއް އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 37 ފަރާތަކަށް ފަރުވާ ދެމުން އަންނައިރު ހަތް ފަރާތެއް އައިސީޔޫގައި އަދި 4 ފަރާތަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 9 މީހަކު އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނައިރު، އައްޑޫ ފެސިލިޓީގައި އެކަކަށް އަދި ބ. އަތޮޅު ފެސިލިޓީގައި އެކަކަށް ފަރުވާދެމުން އަންނަކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މިމަހު މިހާތަނަށް އަށް މީހުން ބަލީގައި މަރުވެފައިވެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 114،977 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 13،035 ކޭސް އެވެ. މި ބަލިން 101،660 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 48 މީހަކަށެވެ.